އަހުމަދު މަސްނޫމް   11 ޑިސެމްބަރު 2022 - 14:53
މުބާރާތް ބާއްވާ ގަތަރު މުބާރާތުގެ ހުރިހާ މެޗަކުން ބަލިވުމެވެ. ސައުދީ އަރަބިއްޔާއިން އާޖެންޓީނާ ބަލިކުރުމެވެ. ގްރޫޕް ސްޓޭޖުގައި ޔޫރަޕްގެ ގަދަ ބާރުތައް ކާޓުވާލައި، އެފްރިކާ އާއި އޭޝިޔާ ގައުމުތައް ދެވަނަ ބުރުން ޖާގަ ހޯދުމެވެ. އަދި ކުއާޓަފައިނަލުގައި މުބާރާތުގެ ފޭވަރިޓުން ބަލިކޮށް، އާދައިގެ ޓީމުތައް ކުރިއަށް ދިއުމެވެ. މިއީ ހައްތަހާވެސް މިފަހަރުގެ ވޯލްޑް ކަޕް "ފައްކާ" މުބާރާތެއްކަމަށް މީހުން ސިފަ ކުރާ ސަބަބުތަކެވެ.

ވޯލްޑް ކަޕް މުބާރާތް މުސްލިމު ގައުމެއްކަމަށްވާ ގަތަރުގައި ބޭއްވުމަށް ފީފާއިން ނިންމާ އެކަން އިއުލާންކުރި ހިސާބުންވެސް ހުޅަނގު ބައެއް ގައުމުތަކުން ދިޔައީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ގަތަރަށް އެކަން ނުވާނެކަމަށް ބުނެ އެތައް ސަބަބަުތަކެއް ދެއްކިއެެވެ. މުބާރާތް ފެށުމާއި ހަމައަށްވެސް ދިޔައީ އެފަދަ އެތައް ޝަކުވާއެއް ކުރަމުންނެވެ. ނަމަވެސް މުބާރާތް ފެށުނީއްސުރެ މިއަދާއި ހަމައަށް ގަތަރުން ދައްކައިދެނީ މިއީ މިހާތަނަށް ބާއްވާ އެންމެ ސަޅި، އަދި އެންމެ ފައްކާ ވޯލްޑް ކަޕްކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ވާހަކަ މީހުން ދައްކަނީ ހަމައެކަނި ގަތަރުގެ އިންތިޒާމްތައް ފުރިހަމަވުމުން އެކަންޏެއް ނޫނެވެ. މުބާރާތުގެ ބައެއް މެޗުތަކުގައި ނެރޭ ނަތީޖާތަކަކީވެސް މިފަހަރުގެ ވޯލްޑް ކަޕަށް ގިނަ ބައެއްގެ އަމާޒު ހުއްޓޭ ސަބަބެކެވެ. ހާއްސަކޮށް އެފްރިކާއާއި އޭޝިޔާގެ ގައުމުތަކުން ނެރުނު އަދި ނެރެމުންދާ ނަތީޖާތަކަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ.

މުބާރާތުގެ ތެރެއިން އެންމެ ފުރަތަމަ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ސައުދީ އަރަބިއްޔާއިން އާޖެންޓީނާގެ މައްޗަށް ހޯދި ކާމިޔާބީއަށެވެ. ފަހަތުން އަރާ 2-1 ސައުދީން އާޖެންޓީނާ ބަލިކުރުން ވެގެންދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓުނުކަމަކަށެވެ. މިއީ އޭޝިޔާގެ ޓީމަކުން ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލިކުރި ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާއިން އާޖެންޓީނާ ބަލިކުރުމުގެ އިތުރުންވެސް އޭޝިޔާއާއި އެފްރިކާގެ ޓީމްތަކުން ވަނީ ރަނގަޅު ނަތީޖާތަކެެއް ނެރެފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެފްރިކާގެ ޓީމެއް ކަމަށްވާ މޮރޮކޯއިން ހޯދަމުންދާ ކާމިޔާބީތަކެވެ. ގްރޫޕް ސްޓޭޖުގައި ވަރުގަދަ ބެލްޖިއަމް އާއި ކެނެޑާ ބަލިކުރިއެވެ. ދެވަނަ ބުރުގައި ސްޕެއިން ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކުރިއެވެ. އަދި ކުއާޓަފައިނަލުގައި ވަރުގަދަ ޕޯޗުގަލް ބަލިކޮށް، ވޯލްޑް ކަޕްގެ ތާރީހުގައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށްވުމުގެ ޝަރަފު ވަނީ ހޯދާފައެވެ. އަދި މުބާރާތުގެ މިހާހިސާބަށް އައިރު އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް މޮރޮކޯގެ ގޯލަށް ބޯޅައެއް ވައްދާލެވޭ ގޮތެއް ނުވިއެވެ. އެ ޓީމު ކޮޅަށް ވަނތް ހަމައެކަނި ލަނޑަކީ ގްރޫޕް ސްޓޭޖުގައި ކެނެޑާއާ ބައްދަލުކުރި މެޗުގައި ބައިކޮޅަށް ވަނތް ގޯލެއް އެކަންޏެވެ. އަދި މޮރޮކޯއަކީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި އެފްރިކާގެ ފުަރަތަމަ ޓީމުގެ ޝަރަފުވެސް ހޯދާފައެވެ.

މޮރޮކޯ ހޯދަމުންދާ ކާމިޔާބީ އެފްރިކާއާއި އޭޝިޔާއާއި އަރަބި ދުނިޔެއިން ފާހަގަކުރަމުންދާއިރު، މުބާރާތުން ކެޓި ނަމަވެސް އެފްރިކާއާއި އޭޝިޔާގެ ޓީމުތަކުން ވަނީ ރަނގަޅު ނަތީޖާތަކެެއް ނެރެފައެވެ. ޓިއުނީޝިޔާއިން ވަނީ ފްރާންސްގެ މައްޗަށް ކާމިޔާބު ހޯދައި، ޑެންމާކު މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. ޖަޕާނުން ވަނީ ފުޓްބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ ޖަރުމަނާއި ސްޕެއިން ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ހޯދި މޮޅާއެކު ކެމަރޫންއިން ވަނީ ވޯލްޑް ކަޕްގައި ބްރެޒިލް ބަލިކުރި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ. ސައުތު ކޮރެޔާއިން ވަނީ އުރުގުއޭ މޮޅުވިޔަ ނުދީ ހިފެހެއްޓުމުގެ އިތުރުން، ވަރުގަދަ ޕޯޗުގަލް ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ.

މުބާރާތުގެ އެންމެފަހު މެޗުތައް މިހާރު ކުރިއަށްދާއިރު ހައިރާން ކުރުވަނިވި ނަތީޖާތަކެެއް ފެނުމަކީވެސް އަދިވެސް އެކަށީގެންވާކަމެކެވެ. މުބާރާތުގެ ސެމީ ފައިނަލު ނުވަތަ ގަދަ 4 ޓީމުގެ ތެރޭގައި އެފްރިކާގެ ޓީމެއް އޮތްއިރު، އެންމެންވެސް ތިބީ ދެންވާނެ ގޮތެއްގެ އިންތިޒާރުގައެވެ. މިފަދަ ބައިވަރު ސަބަބުތަކަށްޓަކައި ގިނަ ބަޔަކަށް މިފަހަރުގެ ވޯލްޑް ކަޕް ވެފައިވަނީ މިހާތަނަށް ބޭއްވި އެންމެ ފައްކާ ވޯލްޑް ކަޕަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން