ޗައިނާ އޮންނާނީ އަބަދުވެސް ފަލަސްތީނު ރައްޔިތުންނާއެކުކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުން ހޯދައިދޭން ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަމަށް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށްވުމަށް މަސަައްކަތްކުރާ ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް މިހެން ވިދާޅުވީ ސައުދީގައި ކުރިއަށްދިޔަ ޗައިނާއާއި އަރަބި ގައުމުތަކުގެ ވެރިންގެ ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ ފަލަސްތީނާއެކު މިދިޔަ 50 އަހަރު ޗައިނާއިން ގާތް ގުޅުމެއް ބޭއްވިކަމަށާއި، ދުނިޔޭގެ މަސްރަހަށް ކޮންމެ ބަދަލެއް އައިނަމަވެސް ކުރިއަށް އޮތްތާނގައިވެސް ޗައިނާއިން ފަލަސްތީނާއެކު އެ ގުޅުން ބާއްވާނެކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް ޗައިނާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ. އަދި އދގެ ގަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއްދިނުމަށްވެސް ޝީގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

މ ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން އެ ގައުމާއެކު ބާއްވާ ގާތް ގުޅުން ފާހަގަކުރެއްވިއެެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ފަލަސްތީނު އޮންނާނީ ޗައިނާއެކުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު