ރާއްޖޭގެ ވެރިކަން ހޯދުމަށްވުރެ ގައުމު ބަނގުރޫޓްނުވެ އޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް މާ މުހިންމު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، އިޤްތިޞާދީ ގޮތުން ދިވެހި ސަރުކާރުން ނިންމީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ވޯލްޑް ބޭންކުން ތައުރީފްކުރުމާއި ގުޅިގެންނެވެ. އެކަމާއި ގުޅޭގޮތުން "ރަސްއޮންލައިން" އިން ޝާއިއުކުރި ޚަބަރެއް ހިއްސާ ކުރަށްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޔާސީ އިތުރު ދައުރަކަށް ވާދަކުރަށްވާނެކަން ރައީސް ސާލިޙު އިއުލާންކުރަށްވާފައިވާއިރު މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަކީ އެމަނިކުފާނަށް އެންމެ އުނދަގޫ އެއް ނިންމެވުމަށްވާނެ ކަމަށެވެ.





އަދި ވެރިކަން ހޯދުމަށްވުރެ ގައުމު ބަނގުރޫޓް ނުވެ އޮތުން މުހިންމު ކަމަށް ދެކެވަޑައިގެން ރައީސް ސާލިޙް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފް ލިބެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް، މާޓިން ރޭއިސް އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރަށްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެކުނު އޭޝިއާގެ ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.

ސަރުކާރުން ބުނީ ޓެކްސް ބޮޑުކުރުމަށް ނިންމީ ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް އިގުތިސާދު ނުހުއްޓި ހިނގާނެކަން ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު