ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އަބަދުވެސް އައު ކަންތައްތަކަކާއި އައު ރެކޯޑްތައް ގާއިމްކުރާ މުބާރާތެކެވެ. ގަތަރުގައި މިހާރު ކުރިއަށްދާ މުބާރާތަކީވެސް އެފަދަ މުބާރާތަކަށް މިވަނީ ވެފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައި، ދެވަނަ ބުރުގެ މެޗުތައް ނިމުނުއިރު އައު ރެކޯޑްތަކެއް ވަނީ ގާއިމްކޮށްފައެވެ.

ރެކޯޑް ގާއިމްކުރާ ގޮތަށް ބަލާއިރު ފުޓްބޯޅައިގައި 3 ކެޓަގަރީއަކުން ބަލައެވެ. އެއީ މުބާރާތް، ޓީމު އަދި ކުޅުންތެރިންނެވެ.

ވޯލްޑް ކަޕް މުބާރާތަށް ބަލާއިރު މިއީ އަންހެން ރެފްރީން ބޭނުންކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި މިއީ މުބާރާތް ބާއްވާ ގައުމު، މުބާރާތް ހުޅުވި މެޗުން ބަލިވި ފުަރަތަމަ ވޯލްޑް ކަޕެވެ. މީގެއިތުރުން މިއީ މުބާރާތް ބާއްވާ ގައުމު ކުޅުނު ހުރިހާ މެޗަކުން ބަލިވެސްވި ފުރަތަމަ މުބާރާތެވެ. މުބާރާތް ކުރިއަށްދާވަރަކުން މުބާރާތާއި ގުޅޭ އިތުރު ރެކޯޑްތައް ގާއިމްވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ވަކިވަކި ކުޅުންތެރިންގެ ރެކޯޑްތަކަށް ބަލާއިރު، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 5 ވޯލްޑް ކަޕްގައި ގޯލް ޖެހުމުގެ ރެކޯޑް ގާއިމްކޮށްފައެވެ.

އާޖެންޓީނާގެ ލިއޯނޮލް މެސީއަށް ބަލާއިރު، 5 ވޯލްޑް ކަޕްގައި ގޯލް ޖެހުމަށް އެސިސްޓްކޮށްދިނުމުގެ ރެކޯޑާއި، އެންމެ ގިނައިން ވޯލްޑް ކަޕްގެ މެޗުތަކުގެ "ޕްލެޔަރ އޮފް ދަ މެޗު" (8 ފަހަރު) ހޯދި ކުޅުންތެރިޔާގެ ރެކޯޑް ވަނީ ގާއިމްކޮށްފައެވެ.

ވޯލްޑް ކަޕްގައި ގޯލް ކީޕަރެއްގެ ގޮތުގައި އެންމެ ގިނަ މެޗު (19) ކުޅުމުގެ ރެކޯޑް ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ގާއިމްކޮށްފައިވާއިރު 24 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލް (9) ޖެހި ކުޅުންތެރިޔާގެ ރެކޯޑް ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ ގާއިމްކޮށްފައެވެ. މިއީ ބްރެޒިލްގެ މަސްހޫރު ޕެލޭގެ އަތުގައި އޮތް 60 އަހަރުވީ ރެކޯޑެކެވެ.

ފްރާންސް ތަރި އޮލިވަރ ޖިރޫޑް މި ވޯލްޑް ކަޕްގައި ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. މި ރެކޯޑްތަކުގެ އިތުރުންވެސް ވަކިވަކި ކުޅުންތެރިން ވަނީ ބައެއް އެހެން ރެކޯޑްތައްވެސް ގާއިމްކޮށްފައެވެ.

ޓީމުތަކުން ގާއިމްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު މި ވޯލްޑް ކަޕާއެކު ބްރެޒިލުން ވަނީ މިހާތަނަށް ބޭއްވި ހުރިހާ (22) ވޯލްޑް ކަޕެއްގައި ކުޅުމުގެ ރެކޯޑް ދަމަހައްޓާފައެވެ. އަދި ވޯލްޑް ކަޕުގައި އެންމެ ގިނަ (109) މެޗުން މޮޅު ހޯދި ޓީމުގެ އިތުރުން، ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ބަލިނުވެ އެންމެ ގިނަ (17) މެޗު ކުޅުމުގެ ރެކޯޑް ވެސް ވަނީ ގާއިމްކޮށްފައެވެ.

އިންގްލެންޑް ޓީމުން ވަނީ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި އެންމެ ގިނައިން (12) މެޗުތައް އެއްވަރުވި ޓީމުގެ ރެކޯޑެއް ހަދާފައެވެ. އާޖެންޓީނާއިން ވަނީ މެޗެއްގައި 34 އަހަރުން މަތީގެ 4 ކުޅުންތެރިން އެއް ފަހަރާ ކުޅެން އެރުވުމުގެ ރެކޯޑެއް ގާއިމްކޮށްފައެވެ. އަދި ސްޕެއިނުން ވަނީ ވޯލްޑް ކަޕް މެޗެއްގައި ހާހަކަށްވުރެ ގިނަ ޕާސް ޖެހި (1034) ފުރަތަމަ ޓީމުގެ ރެކޯޑް ގާއިމްކޮށްފައެވެ. ޖަޕާނުން މިހާތަނަށް ބޯލް ޕޮސެޝަން މެޗެއްގައި އެންމެ ދަށްކޮށްދިޔަ ޓީމުގެ ރެކޯޑް ގާއިމްކޮށްފައެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިތުރު މެޗުތައް ކުރިއަށް ހުރުމުން، އިތުރު ރެކޯޑްތައް ގާއިމްކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެެވެނީ ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުތައް ކުޅުމުގެ ރެކޯޑެވެ. އެ ރެކޯޑް މިވަގުތު އޮތީ 1982 އިން 1998 އަށް 25 މެޗު ކުޅެފައިވާ ޖަރުމަނުގެ ލޯތަރ މެތިއުސްއަތުގައެވެ. މި ރެކޯޑާ އެންމެ ގާތްކުރަނީ އާޖެންޓީނާގެ މެސީއެވެ. އޭނާ މިހާތަނަށް 23 މެޗު ކުޅެފައިވާއިރު، ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިނަމަ މެތިއުސްގެ ރެކޯޑާއި ހާމަކުރުމުގެ ފުރުސަތު މެސީއަށް ލިބޭނެއެވެ. އަދި ފައިނަލް މެޗު ނުވަތަ 3 ވަނަ ހޮވާ މެޗު ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުތައް ކުޅުމުގެ އައު ރެކޯޑެއް މެސީއަށް ގާއިމްކުރެވޭނެެއެވެ.

ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް 16 ގޯލާއެކު މިހާރު އޮތީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާ އަތުގައެވެ. މިފަހަރު ޖަރުމަން ޓީމަށް ކުޅުނު ތޯމަސް މުލާ ވަނީ 10 ލަނޑު ޖަހާފައެވެ. ނަމަވެސް ޖަރުމަން ކެޓުމުން އޭނާއަށް ދެން އެ ރެކޯޑް މުގުރާލެވޭނެ ގޮތެއް ނެތެވެ. އެ ރެކޯޑް މުގުރާލަން ދެން އެންމެ ކައިރީގައި ތިބި މެސީއާއި އެމްބާޕޭ ކުރިއަށް އޮތް 3 މެޗު ނޫނީ 2 މެޗުގައި މަދުވެގެން 9 ވަރަކަށް ލަނޑުޖަހަންޖެހެއެވެ. އެހެންކަމުން ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މި މުބާރާތުގައި ގާއިމްވެދާނެކަމަކަށް ނުބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން