ބޮން ހަދާނެ ގޮތުގެ ލިޔެފައިވާ އިރުޝާދުތަކެއް މާފުށި ޖަލުން ފެނިއްޖެއެވެ.

މިތަކެތި ފެނިފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންނާއި ސިފައިން ވަދެ މާފުށި ޖަލުގައި އިއްޔެ ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮން ހަދާނެ ގޮތުގެ އިރުޝާދުތައް ފެނުނީ، ހަރުކަށި ދީނީ ފިކުރުގެ މީހުން ބަންދު ކުރުމަށް ހާއްސަކޮށްގެން މިއަހަރު ބޭނުން ކުރަން ފެށި ޔުނިޓުގެ ތެރެއިންނެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮން ހަދާނެ ގޮތުގެ އިރުޝާދުތަކެއް ފެނުނު މައްސަލައިގައި ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންނާއި ޕްރިޒަން އޮފިސަރުން އިއްޔެ ޖަލުގައި ހިންގި އޮޕަރޭޝަނުގައި ވެއްދުން މަނާ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ.

އެގޮތުން ގިނަ އަދަދެއްގެ ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތިވެސް ފެނިފައިވާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.

ބޮން ހަދާނެ ގޮތުގެ މެނުއަލްތަކެއް ޖަލުން ފެނިފައިވާއިރު ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވާ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ މަހުފަހުކޮޅު ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން