ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސަރ ތައުރީފްކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބެންކުގެ ނާއިބު ރައިސް މާޓިން ރައިސަރ، އިގްތިޞާދު ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފް ކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ވޯލްޑް ބޭންކުގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



މި ބައްދަލުކުރެއްވުމުގައި ތަރައްގީގެ އަމާޒުތަކާއި މައިކްރޯ އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވޯލްޑް ބެންކުން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސަރ ކުރެއްވި ޓްވީޓެއްގައި ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކަކީ ރަނގަޅު އަދި މުހިއްމު ފިޔަވަޅުތަކެއްކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެހީތެރިވުމުގައި އަބަދުވެސް ވޯލްޑް ބެންކު ދެމިއޮންނާނެކަމަށެވެ.



ވޯލްޑް ބޭންކުގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއް ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ވަޑައިގެންނެވި ވަފްދުގައި އެންމެ އިސް ބޭފުޅެއްގެގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ އެ ބޭންކުން ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅާފައިވާ ނައިބު ރައީސް މާޓިން ރައިޒަރއެވެ.

މި ދަތުރުފުޅުގެ ތެރެއިން ކްލައިންޓުންނާއި ޕާޓްނަރުންނާއެކު، އާ ފުރުޞަތުތައް ހޯދުމަށާއި، ބައިނަލްއަޤްވާމީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ތަރައްޤީއަށް އިސްކަންދޭ ކަންކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތުތަކެއް ދަސްކުރުމަކީ އުއްމީދެއްކަމަށް މާޓިން ވިދާޅުވިއެވެ.

ވޯލްޑް ބޭންކަކީ ރާއްޖޭގެ އިޤްތިޞާދީ އިޖްތިމާއީ އަދި ޢުމްރާނީ ތަރައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބައިނަލްއަޤްވާމީ މާލީ އެހީދޭ އެއް އިދާރާއެވެ. ވޯލްޑް ބޭންކުން އަންނަނީ އެކި ދާއިރާތަކުން މާލީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން، އިންސާނީ ވަޞީލަތް ތަރައްޤީކޮށް، އިޤްތިޞާދު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުވެސް ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން