މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އާއިލާ އަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެެވެ.

މާލޭގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގާފައިވަނީ ހ. ހިރިޔާގޭގެ ތިންވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ރޭ މެންދަމު 3:57 ހާއިރު ކަމަށާއި، ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ، ރޭ ފަތިހު 4:23 ހާއިރު ކަމަށެވެ. ރޭގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ހ. ހިރިޔާގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ބޮޑު ބައެއް ވަނީ އަނދާފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދިންގޮތުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިވަގުތު ބޯހިޔާވަހިކަން ފޯރުކޮށްދެނީ ހަ މީހުންގެ އާއިލާއަކަށެވެ. އެއީ، ދެ އަންހެނުންނާއި ފިރިހެނަކާއި ތިން ކުޑަކުދިން ހިމެނޭ އާއިލާއެކެެވެ.

އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނީ ކިތައް ދުވަހަށްކަން އަދި ނޭނގޭކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަށް ދެނެގަތުމަށް އެސެސްމަންޓް ހަދާނެ ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން