ކުޑަކުދިންނަށް ކޮށްފައިވާ އެކި ބާވަތުގެ އަނިޔާގެ 79 މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އެކަން ހާމަކުރީ އޮކްޓޯބަރު އެ މިނިސްޓްރީ އަށް ހުށައެޅި މައްސަލަތަކާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓެއްގައެވެ. އެ ރިޕޯޓްގައިވާ ގޮތުން އޮކްޓޯބަރު މަހު 208 މައްސަލަ ޖެންޑަރ މިނިސްޓްރީ އަށް ރިޕޯޓްކޮށްފައިވެއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކޮށްފައިވާ އެކި ބާވަތުގެ އަނިޔާގެ 79 މައްސަލަ ހިމެނޭ ކަމަށް އެ ރިޕޯޓްގައިވެއެވެ.

އެގޮތުން ކުދިންނަށް އިހުމާލުވުމުގެ 23 މައްސަލައަކާއި ޖިންސީ ހާނިކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައަކާއި ނަފުސާނީ ހާނިއްކައިގެ 11 މައްސަލައަކާ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ އާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ އާއި ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑައަށް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން އާންމުކުރި ރިޕޯޓްގައި ބުނެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 36 މައްސަލައެއް އޮކްޓޯބަރު މަހު ހުށަހެޅި ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން 15 މައްސަލައަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ދެން ހިމެނެނީ ނަފުސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލައަކާއި އިހުމާލުގެ ތިން މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި މާލީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއްގެ އިތުރުން މަޖުބޫރުކުރުވައިގެން މަސައްކަތް ކުރުވުމުގެ މައްސަލައެއް ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީހެ އިތުރުން ޢާއިލީ މައްސަލަތަކާ ގުޅުންހުރި 33 މައްސަލައެއް އޮކްޓޯބަރު މަހު ވަނީ ޖެންޑަރއަށް ހުށައަޅާފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ 12 މައްސަލައަކާއި ކުދިން ބެލުމުގައި ޖެހޭ 11 މައްސަލައަކާއި، ހަޟާނާތުގެ ހަތް މައްސަލައިގެ އިތުރުން ދަރިންގެ ޚަރަދު ދިނުމާއި ގުޅޭ ތިން މައްސަލައެކެެވެ.

ރިޕޯޓްގައި ބުނާގޮތުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 13 މައްސަލައެއް އޮކްޓޯބަރު މަހު ޖެންޑަރ އަށް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލައެއް އޮކްޓޯބަރު މަހު ޖެންޑަރ އަށް ވަނީ ހުށައަޅާފައެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެއް އޮކްޓޯބަރު މަހު ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލައަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަ މައްސަލައެއް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން އާންމުކުރި ރިޕޯޓްގައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ހުށައެޅުނު ހުރިހާ މައްސަލައަކަށް ވެސް އެޓެެންޑްކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސސ

22-Feb-2023

ތިކަން ކުރާ ވަރު ގުނަން ހުރީ ކަމަނާ ދެން ގުނާފަ ނޫސްތަކުގައި ލިޔަން ފޮނުވާތި !



ޓްރެންޑިން