މީޑިއާތައް މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނެ އުސޫލެއް ކަނޑައެޅުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.

ރާއްޖޭގެ މަޝްހޫރު އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާކަށްވާއިރު މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ ވަސީލަތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މީޑިއާގެ މަސައްކަތްތައް ބައްޓަން ކުރުމުގައި މާލީ ނުފޫޒުން އެއްކިބާވާން ޖެހޭކަމަށް ގަބޫލުކުރާކަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަދި ސިޔާސީ ޕާޓީތަކާއި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމުގެ ސާފު މައުލޫމާތު ގެނެސްދޭ ބަޔަކީ މީޑިއާ ކަމަށެވެ. މީޑިއާތަކުން ތެދު މައުލޫމާތު ފޯރުކޮށް ނުދޭނަމަ އަދި ވަކި ފަރާތަކަށް ޖެހިގެން ޚަބަރު ފަތުރާނަމަ، ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ނުލިބޭނެކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މީޑިއާތަކަށް ސަރުކާރާއި ދައުލަތް ޒިންމާދާރު ނުކުރެވޭނަމަ ކޮރަޕްޝަނާއި ފަސާދަ އަށަގަނެ، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެކަމަށާއި ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންކުރަން ހުންނަ ފައިސާ ބޭކާރުވެގެންދާނެ ކަމަށް ބަޔާނުގައިވެެއެވެ.

މީގެ އިތުރުން ސަރުކާރުން މީޑިއާތަކަށް ބަޖެޓުން ފައިސާ ދެވޭނެ އުސޫލެއް ހަދައި އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޑިޓާސް ގިލްޑްއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން