ޒަހީނުއްދީން ސަޢީދު   8 ޑިސެމްބަރު 2022 - 5:2
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެންގޯލާއަށް މިރޭ ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ޝާހިދުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެެއް ކަމަށެވެ.

މިސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ޤަބޫލު ކުރައްވައި، އެޖަމުޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމުޢިއްޔާގެ އޮބްޒާވަރެއްގެ ހައިޞިއްޔަތު ރާއްޖެއަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27އިން 28އަށް ބޭއްވި އެޖަމުޢިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން