ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ރާގު ބަދަލު ނުކުރަށްވާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބުުދު ﷲ ޔާމީނާއެކު މަސައްކަތް ކުރަށްވާނެ ކަމުގެ އިޝާރަތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ކުރަށްވާފައެވެ. އެހެން ނަމަވެސް ނަޝީދު ވަނީ އިންޑިޔާއާއި ދެކޮޅަށް ރައީސް ޔާމިން ކުރަށްވާ މަަަސައްކަތްޕުޅާ މެދު ހިތްޕުޅުހަމަނުޖެހުން ފާޅުކުރަށްވާފައެވެ.

ޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތް ކުރުމަށް ނުވަތަ އެމަނިކުފާނާއެކު މަސައްކަތް ކުރުމަށް ރައީސް ޔާމިންގެ ރާގު ބަދަލު ނުކުރަށްވާނެ ކަމަށެވެ. އަދި ރައީސް ޔާމިން އިންޑިޔާއާއި ދެކޮޅަށް ކުރަށްވާ މަސައްކަތްޕުޅަށް ރައީސް ނަޝީދު ތާއިދު ކުރައްވާ ތަން ފެނިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިޔާއެކު މި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގައި ދިވެހި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެެވެ. އަދި އެ ކަންތައްތަކާއި މެދު ރައީސް ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރަށްވާތަން ފެނިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ދެރައެއް ލިބޭކަމެއް އިންޑިޔާ އަޑީގައި ނުވަތަ އިންޑިޔާ އިސްވެ އޮވެ ކުރާކަމަށް ވާނަމަ އެމަަނިކުފާނު (ރައީސް ޔާމިން) އެ ވާހަކަފުޅެއް ދައްކަވާނެ، އެއީ ތަފާތަކީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ރައީސް ނަޝީދާއި އެކީގައި މަސައްކަތް ކުރުމަށްޓަކައި ނޫނީ ރައީސް ނަޝީދު ހިތްހަމަޖެއްސުމަށްޓަކައި ރައީސް ޔާމިންގެ ރާގު ބަދަލުކުރަށްވާނެ ކަމަށް. އެމަނިކުފާނަކީ ވަރަށް ބޮޑަށް ވަތަނީ ބޭފުޅެއް. ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއް ރާއްޖޭގެ މިނިވަންކަމަށް އޮތް ރައްޔިތުންނަށް ހުރި ނުރައްކަލެއްގެ ވާހަކަ އެމަނިކުފާނު ދައްކަވާނެ. ދިވެހި ރައްޔިތުންގެ ހައްގުގައި ގައުމުގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަށްވާނެ." ޝިޔާމް ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ޔާމީނާއިއެކު އެކުގައި ސިޔާސީ މަސައްކަތް ކުރައްވާފާނެކަމުގެ އިޝާރާތެއް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ކުރަށްވާފައެވެ. އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، 2018 ގައި ރައީސް މައުމޫނާއިއެކުވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ކަންބޮޑުވެވަޑައިގަންނަވާ އެއް ސިޔާސަތަކީ އިންޑިއާއާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސް މައުމޫނާއެކުގައި އަޅުގަނޑުމެން މަސައްކަތް ކުރީ 2018 ވަނަ އަހަރު. ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަންބޮޑުވާ ސިޔާސަތެއް އެބައޮތް. އެއީ އިންޑިއާއާ އިދިކޮޅަށް ކުރައްވާ މަސައްކަތް. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ މަސައްކަތް ހުއްޓަވާލައްވާފައި އަވައްޓެރި ހުރިހާ ގައުމުތަކަކާ ދިވެހިރާއްޖެއާ ގުޅި، އެކުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން