މި އަހަރު ނިމޭއިރު ޓޫރިޒަމް ދާއިރާއިން ރަނގަޅު އަދަދުތަކެއް ފެނިގެން ދާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، މި އަހަރަކީ ފަތުރުވެރިކަމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އަހަރެއް ކަމަށެވެ. ނަމަވެސް، މި ހިނގާ ޑިސެންބަރު މަހުގެ ތެރޭގައި މި އަހަރަށް ކަނޑައަޅާފައި އޮތް ޓާގެޓު ހާސިލުވާނެކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު 2019 ވަނަ އަހަރު ހުރި ވަރާއި ބަލާއިރު މިހާރު އުޅެނީ 2.3 އިންސައްތަ ވަރު ދަށްކޮށް ކަމަށާއި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ނިމުމުން އަންނަ ބަދަލުތަކަށް ބަލާފައި އެ އަދަދު ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ވަރަށް ރަނގަޅު އަދަދުތަކަކާއެކު މި އަހަރު ނިންމާލެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.1 މިލިއަން ފަތުރުވެރިންނާއި އަޅާ ބަލާއިރު 28.7 އިންސައްތަ އިތުރު ޢަދަދެކެވެ. ނަމަވެސް މިއީ ކޯވިޑްގެ ކުރިން މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއިއަޅާ ބަލާއިރު، 2.5 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 14.1 އިންސައްތަ ހިއްސާއާއިއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ޢަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން