ރާއްޖޭގެ ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖަލުހުކުމްގެ އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓުގައި ނިންމި ދުވަހު އިސްފަނޑިޔާރެއްގެ ގޮތުގައި އިންނެވި ގާޒީ މަހާޒް ޢަލީ ޒާހިރާއިއެކު ދެން ހިމެނޭ ފަނޑިޔާރުންވެސް ބަތްޕާރުސަލެއް ފަރީއްކުޅުއްވި މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

މި މައްސަލާގައި ޖޭއެސްސީއަށް ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް ޢަލީ ޙުސައިން މިއަދު ވިދާޅުވީ، ފަނޑިޔާރުން ކޮންޓްރޯލްކޮށް އެންމެ ބޮޑަށް ނުފޫޒު ފޯރުވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށެވެ.

ނަމަވެސް، މިފަދައިން ވިދާޅުވީ ކޮން ސަބަބަކާއި ހުރެކަމެއް ޢަލީ ވިދާޅެއް ނުވެއެވެ.

އެ މައްސަލައިގައި އެދުވަހު ބަތްޕާރުސަލް ގެނައި ކަމަށްބުނާ މަހާޒް ވަނީ ފަރީއްކޮޅުގެ ކަންކަން ހިނގިގޮތް މީޑިއާއަށް ސާފުކޮށްދެއްވާފައެވެ. އެއާއި ގުޅިގެން ޖޭއެސްސީން ވެސް ވަނީ މަހާޒުގެ އެ އަމަލު ކުށްވެރި ބަޔާނެއް ނެރެފައެވެ.

ޖޭއެސްސީން ބަލަނީ، އެ ދުވަހު ފަރީއްކުޅުއްވަން ގެނައި ތަކެތި ގެނައީ އެ ދައުވާގައި ހިމެނޭ ހަސްމަކާއި ގުޅުންހުރި ފަރާތަކަށް ވާކަމަށް ބުނާ މައްސަލައެވެ. ނަމަވެސް، މަހާޒު ވިދާޅުވެފައިވަނީ، އެއީ އާންމުކޮށްވެސް އެފަދަ ދިގު ޝަރީއަތްތައް ކުރިއަށްދާއިރު ކަން ކުރައްވާ ގޮތެއް ކަމަށާއި އެ ތަކެއްޗަށް ފައިސާ ދެއްކެވީވެސް އަމިއްލަފުޅަށް ކަމަށެވެ.

ޖޭއެސްސީ ވަރަށް ބޮޑަށް ސިޔާސީވެފައިވާ ކަމަށް ބުނެ ފާޑުކިޔަމުންދާ ގިނަ ބަޔަކު ބުނަނީ ޖޭއެސްސީން ނުރުހޭ ފަބޑިޔާރަކު "ދުއްވާލަން ނުވަތަ ސައިޒުކޮށްލަން" މިހާރު އެންމެ އާންމުކޮށް ކުރާ ކަމަކީ ސުލޫކީ މައްސަލަ ބެލުން ކަމަށެވެ. ކިތަންމެ ބޮޑެތި ހެކިތަކަކާއެކު ފަނޑިޔާރެއްގެ މައްސަލައެއް ހުށައެޅިޔަސް ޖޭއެސްސީން ނުރުހޭ މީހެއްގެ މައްސަލަ ނޫނީ ނުބަލާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން