ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ މަހު ދައުވާކުރުމަށް އެދި 273 މައްސަލަ ހުށަހަޅާފައިވާއިރު، 192 މައްސަލަ ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދަޢުވާ ކުރުމަށް އެދި 273 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން އެ އޮފީހުން ބަލައިގަނެފައިވަނީ 103 މައްސަލައެވެ. އެކި ސަބަބުތަކާހެދި 41 މައްސަލައެއްގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާއިރު އިތުރު މައުލޫމާތު ސާފު ކުރުމަށް 69 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލަމާފައެވެ. އަދި 60 މައްސަލައެއް ދަނީ ދިރާސާ ކުރަމުންނެވެ.

މިދިޔަ މަހު ދަޢުވާކުރުމަށް އެންމެގިނަ ޢަދަދަށް ހުށަހަޅާފައިވަނީވެސް މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ 61 މައްސަލައެއްގައި ދަޢުވާ ކުރުމަށް އެދިފައިވެއެވެ.

ޕީޖީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދައުވާކުރަން 192 މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ފުލުހުން 260 މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު އޭސީސީން 8 މައްސަލައެއް އަދި އެޗްއާރުސީއެމުން ވަނީ 2 މައްސަލައެއް ޕީޖީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު