އަންނަ އަހަރު ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ނަހުލާގެ ހިތާބުގައި ވިދާޅުވީ ރާއްޖޭގައި ސިވިލް އޭވިއޭޝަން ދާއިރާއިން އިތުރު ޙަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑްރޯން މެދުވެރުކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަދޫކުރަން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ ނުވަތަ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަސް ފުރަތަމަ ފާހަގަ ކުރަން ފެށީ 1994 ވަނަ އަހަރު އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އިކާއޯއަށް 50 އަހަރު ފުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ. 1996 ވަނަ އަހަރު އިކާއޯގެ އިސްނެގުމުގެ މަތީން، އ.ދގެ ޖެނެރަލް އެސެމްބްލީން ވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން ފާހަގަ ކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު