ފީފާ ވޯލްޑްކަޕްގައި މިރޭ ޕެނަލްޓީ ޖަހައިގެން މޮރޮކޯއިން، ސްޕެއިން މުބާރާތުން ކަޓުވާލައިފިއެވެ.

މި މެޗުގައި މޮރޮކޯ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ބުންވަރަކާއި ހިތްވަރެކެވެ. ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިން އުފައްދަމުން ދިޔަ ހަމަލާތައް ކާމިޔާބު ވިޔަނުދީ ދިޔައީ ދިފާއު ކުރަމުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެހެންވެ، އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެ 30 މިނެޓު ނިމިގެން ދިޔައީ ވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.

މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ޕާސްތަކެއް ޖަހައި މޮޅަށް ކުޅުނީ ސްޕެއިނުންނެވެ.

މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި، ސްޕެއިން އިން ޖެހި ދެ ޕެނަލްޓީއެއް ގޯލް ކީޕަރުވަނީ ހިފަހައްޓާފައެވެ. ދެން ޖެހި ޕެނަލްޓީވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މޮރޮކޯއިން ޖެހި އެއް ޕެނަލްޓީ ކީޕަރު ހިފެހެއްޓިނަމަވެސް އަނެއް ތިން ޕެނަލްޓީ އެމީހުން ގޯލަށް ވައްދާލިއެވެ.

މިއީ މޮރޮކޯ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މުސްލިމް ގައުމެއްކަމަށްވާ މޮރޮކޯގެ ކުޅުންތެރިން މޮޅުވުމުން ޝުކުރުގެ ސަޖިދައެއްވަނީ ޖަހާފައެވެ.

ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރާނީ މިރޭ ޕޯޗުގަލްއާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވި ޓީމާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން