އުޅަނދުފަހަރުގެ އަހަރީ ފީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްތަކަަށް ޖަމާކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނީ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އަންނަ މަހުގެ 1 އިން ފެށިގެން ބަލައިގަންނާނީ އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައިވެއެެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކައުންސިލުތަކުން ފީ ބަލައިގަތަސް، ކައުންސިލްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނީ ކައުންސިލުގެ އެކައުންޓް ބަނޑޭރި ޕޯޓަލާއި އިންޓަގްރޭޓް ވެފައިވާ ނަމަ ކަމަށެވެ. އަދި ބަނޑޭރި ޕޯޓަލާއި އިންޓްރޭޓް ނުވެވާ ކައުންސިލްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވުމުގެ ބަދަލުގައި ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ. އެގޮތަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާވާ ކައުންސިލްތަކަށްވާ ފައިސާ އެ ކައުންސިލާއި ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ ބަނޑޭރި ޕޯޓަލްގައި ކައުންސިލްގެ އެކައުންޓްތައް އަހަރު ނިމުމުގެ ކުރިން އިންޓަގްރޭޓް ކުރުމަށް އަންގާފައެވެ.

އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން އެ ކައުންސިލުގެ އިޙްތިޞާޞްގައި ހިމެނޭ އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަންނާނީ އެކައުންސިލަކަށެވެ. މިއާއެކު ކައުންސިލްތަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ފިނޭސް މިނިސްޓްރީން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު