ބާޒާރުގައި ތަކެތީގެ އަގުތަކަށް ހަރުގަނޑު ބަހައްޓައިގެން ވެސް އަތްނުފޯރާ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސަަައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން ބާޒާރުގައި ބައެެއް ތަކެތީގެ އަގު ދަނީ އުފުލެމުންނެެވެ. އެކަމާއި ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޓެކުހުން ރައްޔިތުން ފެލައިފި ކަމަށެވެ.

އަދި ރިސޯޓް އޯނަރުންގެ އެހީއަށް ރައީސް އޮފީހުގެ ތަރުޖަމާނު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށް ސައީދު ވަނީ ތުހުމަތު ކުރަށްވާފައެވެ. އަދި މިހާލަތުގައި ރައީސް ސޯލިހް ވޯލްޑްކަޕް މެޗެއް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަންނަވާތީ ވެސް ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ރައީސް ގަތަރަށް ވަޑައިގަންނަވަނީ ވޯލްޑްކަޕްގެ ސެމީފައިނަލް ނުވަތަ ފައިނަލް މެޗް ބައްލަވާލެއްވުމަށް ގަތަރުގެ ސަރުކާރުން ދިން ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ޓިކެޓް ބައްލަވައިގަންނަވަނީ ރައީސްގެ އަމިއްލަފުޅު ހަރަދުގައެވެ. އަދި އެމަނިކުފާނުގެ ފަރިއްކޮޅާއި ގަތަރުގަައި ހުންނަވާ ޚަރަދު ހަމަޖައްސަވަނީ ގަތަރު ސަރުކާރުންނެެވެ.

"ކިހިނެއްވެފައިތޯ ރައީސް ތި ހުންނެވީ؟ ހަމަޖެހިލަައިގެން މަސައްކަތެއް ކުރަށްވާނީ ކޮންއިރަކުތޯ؟" ސައީދު ސުވާލު ކުރެއްވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސް.ޓީ 8 އިންސައްތަ އަށް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ.

ސަރުކާރުން ބުނީ ޓެކްސް ބޮޑުކުރުމަށް ނިންމީ ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް އިގުތިސާދު ނުހުއްޓި ހިނގާނެކަން ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު