އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމް މައްސަލަތައް އިތުރުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު ކިތައް މައްސަލައިގައި ދައުވާކުރަން ފޮނުވުނުތޯ ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

މުއިއްޒު މިފަދައިން ސުވާލު އުފައްދާފައި މިވަނީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ ހާހެއްހާ މައްސަލަތަކުގައި 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ލިބިފައިވާކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނީ މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ފުލުހުން އާއްމުކުރި ތަފާސް ހިސާބާއި ގުޅިގެން މުއިއްޒު ވަނީ އެހާގިނަ މައްސަލަ ހުށަހެޅުނުއިރު ދައުވާކުރަން ފޮނުވީ ކިތައް މައްސަލަތޯ އައްސަވާފައެވެ. އަދި ތަފާސް ހިސާބުތައް އާއްމުކުރިޔަސް އެއިން ކުރާނެ ފައިދާއެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކިތައް މީހުންގެ މައްސަލަ ދައުވާކުރާ ހިސާބަށް ގެންދެވިއްޖެތޯ؟ ތަފާސް ހިސާބުން ކުރާނެ ފައިދާއެއް ނެތް." ޕީޖީ ޝަމީމް ޓެގްކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ސްކޭމްތަކާއި ގުޅޭގޮތުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއްކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަ ހުށަހަޅައިފައިވާއިރު އެކި ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ޖުމްލަ 23 މިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މުއައްސަސާތަކުގެ ގާބިލްކަން ހުރިމިންވަރުން ސްކޭމްގެ މައްސަލަތައް ހުއްޓުވަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ސްކޭމްއާއި ފްރޯޑުގެ މައްސަލަތައް ބަލަނީ ހާއްސަ އިސްކަމެއް ދީގެންކަމަށާއި މިހާރު އެ ފަދަ މައްސަލަތައް ތަހުގީގުކުރުން އަވަސްކުރަން އާ ތަހުގީގު ޕްރޮސީޖާއެއް އެކުލަވާލައި، އެއަށް ފުލުހުން ތަމްރީނުކުރަމުން އަންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު