ފީފާ ވޯލްޑްކަޕްގައި މިރޭ ފަސޭހަކަމާއެކު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގަތަރުގެ 974 ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ބުރެޒިލުން ކާމިޔާބު ކުރީ 4 – 1 އިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާގެ ގޯލުން ބްރެޒިލުން ލީޑު ނެގިއެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްދީ ނޭމާ ވަނީ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި އަނެއްކާވެސް ބްރެޒިލުން ގޯލެއް ޖެހިއެވެ. މި ގޯލް ޖަހައިދިނީ ރިޗާލިސަންއެވެ. 35 ވަނަ މިނެޓުގައި ބްރެޒިލްގެ ހަތަރުވަނަ ގޯލް ޖެހީ ވިނީޝިއަސް ޖޫނިއާ ދިން ރީތި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ލޫކަސް ޕަކެޓާއެވެ.

މިއާއިއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ބްރެޒިލުން ބޮޑު ލީޑެއް ނަގައިގެނެވެ.

ނަމަވެސް، ދެވަނަ ހާފުގައި ފެނުނީ ކޮރެއާއިންވެސް ކުޅުން ރަނގަޅުކުރިތަނެވެ. ނަތީޖާއެއްގެ ގޮތުން ބްރެޒިލުން އިތުރު ގޯލެއް ޖެހިޔަނުދީ ވަނީ ހިފަހައްޓާފައެވެ. 76 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކޮރެއާ މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޕައިކް ސޫންގް ހޯއެވެ.

މި ނަތީޖާއާއިއެކު ބްރެޒިލް މިވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. ކުއާޓާގައި ބްރެޒިލް ކުޅެންޖެހޭނީ ކްރޮރެއޭޝިއާއާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން