އަހުމަދު މަސްނޫމް   5 ޑިސެމްބަރު 2022 - 12:39
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި އަހަރުގެ މިހާތަނަށް 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުމާއެކު، ހާހަކާއި ގާތްކުރާ އަދަދަކަށް އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްގެ މައްސަލަ ހުށަހަޅައިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވީ ކުށުގެ ވެށީގައި ހަރަކާތްތައް ހިންގާ ގޮތާއި އެކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދައި ދެނެގަންނަން ކުރިއަށް ގެންދިއުމަށް މިއަދު ފެށި "މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއްކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަ ހުށަހަޅައިފައިވާއިރު އެކި ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ޖުމްލަ 23 މިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ީހަމީދު ވިދާޅުވީ މުއައްސަސާތަކުގެ ގާބިލްކަން ހުރިމިންވަރުން ސްކޭމްގެ މައްސަލަތައް ހުއްޓުވަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މިއަދު މި ފެށޭ މަލްޓި އެޖެންސީ ވޯކްޝޮޕަކީ މި މިސްރާބަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ސްކޭމްއާއި ފްރޯޑުގެ މައްސަލަތައް ބަލަނީ ހާއްސަ އިސްކަމެއް ދީގެންކަމަށާއި މިހާރު އެ ފަދަ މައްސަލަތައް ތަހުގީގުކުރުން އަވަސްކުރަން އާ ތަހުގީގު ޕްރޮސީޖާއެއް އެކުލަވާލައި، އެއަށް ފުލުހުން ތަމްރީނުކުރަމުން އަންނަކަމަށެވެ.

"މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް" ނަމުގައި ހިންގާ މިވޯކްޝޮޕަކީ ސްކޭމްގެ މައްސަލަތަކާއި އިކޮނޮމިކް ކްރައިމްއާ ގުޅޭގޮތުން ފުލުހުންނާއި އިތުރު ފަރާތަކުން ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ސަރުކާރާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެެ.



ކިޔުންތެރިންގެ ހިޔާލު