1948 ވަނަ އަހަރު، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޔަހޫދީ އިސްރާއީލުން ހިންގި ޤަތުލުޢާންމު ދައްކުވައިދޭ ފިލްމު ފަރުހާ ދެއްކުމަށް އިސްރާއީލުން ދެކޮޅުހަދާ ފާޑުކިޔަން ފަށައިފިއެވެ.

ފިލްމު ދެއްކުމުން ނެޓްފްލިކްސްއަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ދަނީ ފިލްމު ރިލީޒްކޮށް އާންމުކުރުމަށް އެއްބާރުލުންދެމުންނެވެ. އުރުދުންގައި ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ 1948 ވަނަ އަހަރު ނަކްބާގެ ނަމުން މަޝްހޫރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރާ މަސައްކަތެވެ.

ފިލްމު ސްކްރީން ކުރުމުން އިސްރާއީލުން ވަނީ ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ކެންސަލް ކުރުމަށްވެސް އިންޒާރު ދީފައެވެ. މީގެއިތުރުން އިސްރާއީލުގެ ވަޒީރުންނާއި އޮފިޝަލުން ވަނީ ފިލްމު އުފެއްދި ފަރާތްތަކުން ދޮގު ވާހަކައެއް ޕްރޮމޯޓްކޮށް އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް އަނިޔާވެރިކަން އުފެއްދުމަށް ބާރުއަޅާ ކަމަށް ތުހުމަތުކޮށްފަ އެވެ.

‏ފަލަސްތީނު ނަސްލުގެ ޖޯޑަން އަންހެނެއް ކަމަށްވާ ޑާރިން ޖޭ ސަލާމް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އުމުރުން 14 އަހަރުގެ ފަލަސްތީނުގެ އަންހެން ކުއްޖަކު ދިރިއުޅެމުންދާ އަވަށަކަށް، އިސްރާއީލުގެ ސިފައިން ވަދެ، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް މާރާމާރީ ހިންގައި، ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް އޭނާގެ މުޅި އާއިލާ މަރާލާ މަންޒަރެވެ.

މިފިލްމުން އިތުރަށް ދައްކުވައިދެނީ އިސްރާއީލުގެ ސިފައިން ހަމަލާދޭން ފެށުމާއިއެކު އަންހެން ކުއްޖާގެ ބައްޕަ، ކުޑަ ކޮޓަރިއެއްގައި އޭނާ ފޮރުވަން މަޖުބޫރުވެ، ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކެއްގެ މަންޒަރެވެ.

ހަގީގީ ހާދިސާތަކަށް ނިސްބަތްކޮށް އުފައްދާފައިވާ މި ފިލްމު އާންމުކޮށް ފުރަތަމަ ދައްކާފައިވަނީ 2021 ވަނަ އަހަރު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގަ އެވެ. އަދި މިހާރު މިފިލްމު ވަނީ އޮސްކާ އެވާޑަށްވެސް ހުށައަޅާފައެވެ. މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކޮށްފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން