މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 28.7 އިންސައްތަ އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.1 މިލިއަން ފަތުރުވެރިންނާއި އަޅާ ބަލާއިރު %28.7 އިތުރު ޢަދަދެކެވެ. ނަމަވެސް މިއީ ކޯވިޑްގެ ކުރިން މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި ބަލާއިރު، 2.5 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 14.1 އިންސައްތަ ހިއްސާއާއިއެކު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އޢަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ސަރުކާރުން މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ކަނޑައަޅާފައިވާއިރު މިމަހު މި އަމާޒަށް ވާސިލްވެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5685 ފަތުރުވެރިން އާދެއެވެ.



ކިޔުންތެރިންގެ ހިޔާލު