އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދޫކުރާ ބައެއް ލޯނުތައް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެސްޑީއެފްސީން ބުނީ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީން ބުނީ ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އަހަރު ނިމުމާއި ގުޅިގެން ނިންމަންޖެހޭ ކަންތައްތައް އޮތުމާއި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށެވެ.



އެސްޑީއެފްސީން ބުނީ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނީ 31 ޖަނަވަރީގައިކަމަށެވެ.

އެސްޑީއެފްސީން 7 ދާއިރާއަކުން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

އެސްޑީއެފްސީއަކީ ރައީސް ސާލިހުގެ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު