ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކާއި އެއްމެ ގާތުން މަސައްކަތްތަކުރާ އެއް ބަޔަކީ އެޗް.ޑީ.ސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމެވެ. އެގޮތުން، ރަށު ތަރެ ބެލެހެއްޓުމާއި އެކި ގޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް މި ޓީމުތަކުން ދަނީ ދެމުންނެވެ.

އެޗްޑީސީން ބުނީ އެޗް.ޑީ.ސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިހާއްސަ ތަމްރީނު ޕްރޮގްރާމަކީ، މިހާރު ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން އެޗް.ޑީ.ސީ އާ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން ކުރިއަށްގެންދާ މިހާއްސަ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 8 ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ އެއްމެ ރަނގަޅު ގޮތްތަކާއި، މުޢާމަލާތު ކުރުން، މައްސަލަތައް ހައްލު ކުރުން، ސެލްފް ޑިފެންސް އަދި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޗް.ޑީ.ސީން ބުނީ، އެކޯޕަރޭޝަނުގެ މެންޑޭޓްގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައި ވާއިރު، ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި، އަދި އެޗްޑީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. މިގޮތުން ރައްޔިތުންނާއި އެއްމެ ގާތުން ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމްތަކަށް މިފަދަ ހާއްސަ ޓްރެއިންގްތައް ދިނުމަކީ އެކޯޕަރޭޝަނުން ހާއްސަ އިސްކަމެއް ދޭނެ ކަމެއްކަމަށް އެޗް.ޑީ.ސީން ހާމަކޮށްފައިވެއެވެ. 



ކިޔުންތެރިންގެ ހިޔާލު