ރާއްޖެ ބަނގުރޫޓްވާކަމަށް ބުނެ ވާހަކަދައްކަވަމުންދާއިރު، ހަމަ އެ ހާލަތުގައި އޮވެގެން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާއިމެދު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ސައުދު މިފަދައިން ސުވާލު އުފައްދާފައި މިވަނީ ނިިޒާމީ ވޯޓެއްގެ ވާހަކައާއި ރާއްޖެ ބަނގުރޫޓްވާ ވާހަކަ ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ ރިޒާވް ދަށަށް ގޮސް، ކާބޯތަކެތި ގަންނަން ބޭނުންވާ ފައިސާ ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނެގުމަށްވެސް އެމަނިކުފާނު ގެންދަވަނީ ގޮވާލައްވަމުންނެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު ވަނީ ރައީސް ނަޝީދަށް ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

"ރައީސް ނަޝީދު ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަވާއިރު މަނިކުފާނު ނޫންތޯ ވިދާޅުވަމުން ތިޔަދަނީ ރާއްޖޭގެ މާލީ ހާލަތު ބަނގުރޫޓްވާނެކަމަށް؟ 2 ދުވަހުގެ ފައިސާ ނެތްކަމަށް." ރާއްޖެ ބަނގުރޫޓުވަމުން ދާކަމަށާއި ބޭރުފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ. ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ސައުދު ވިދާޅުވިއެވެ.

ސައުދު ވަނީ ރާއްޖޭގައި ފައިސާ ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ނިޒާމީ ވޯޓެއް ނަގަން 400 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަަލަތައް ހައްލުވާނެތޯވެސް ސުވާލު އުފައްދާފައެވެ.



ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފައްދައިގެން ވެރިކަން ހޯއްދަވަން މަސައްކަތްކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށްވެސް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެކަމަށް ލިބެނީ ފިނި ތަރުހީބެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު