ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އޮސްޓްރޭލިޔާ ބަލިކޮށް އާޖެންޓީނާއިން ކުއާޓާފައިނަލް ޔަގީން ކޮށްފިއެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަވަގުތު ކުޅެމުން ދިޔައީ އާޖެންޓީނާއިންނެވެ. ނަމަވެސް ދޭތެރެއަކުން އޮސްޓްރޭލިއާއިންވެސް ކުރިއަށްޖެހިގެން ގޯލަށް ނުރައްކާ ކުރެވޭތޯ ބަލަމުން ދިޔައެވެ.

މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލް ޖަހައިދިނީ މެޗުގެ 35 ވަނަ މިނެޓުގައި ލިއޮނެލް މެސީއެވެ.

ދެވަނަ ހާފުގައި އާޖެންޓީނާއިން ލީޑު ފުޅާކޮށްދިނީ އަލްވަރޭޒްއެވެ. 57 ވަނަ މިނެޓްގައި ޖެހި މި ގޯލަކީ އޮސްޓްރޭލިއާ ޓީމުން ފަހަތަށް ކީޕަރަށް ކުޅުނު ބޯޅައެއް ކީޕަރު ކުރިއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ހޯދައިގެން ޖެހި ގޯލެކެވެ. ނަމަވެސް ފަހުން އެގޯލަކީ އޮސްޓްރޭލިޔާގެ ކުޅުމްތެރިޔާއަތުން ބައިކޮޅަށް ވަތް ގޯލެއްކަމަށް ވަނީ ނިންމާފައެވެ.

ދެވަނަ ހާފު ފަށައިގެން އޮސްޓްރޭލިއާއިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އެގޮތުން، އާޖެންޓީނާގެ ކުޅުންތެރިން އުންމީދު ނުކޮށް ތިއްބާ މެޗުގެ 77 ވަނަ މިނެޓް ތެރޭ ގުޑްވިން ވަނީ އޮސްޓްރޭލިޔާއަށް ގޯލެއް ޖަހައިދީފައެވެ. މިއީ ގުޑްވިން ވަރަށް ބާރަށް ފޮނުވާލި ބޯޅައެއް އާޖެންޓީނާ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންގޮސް ވަތް ގޯލެކެވެ.

މެޗުގެ ފަހު ވަގުތުކޮޅުވެސް އޮސްޓްރޭލިއާއިން ދިޔައީ އިދިކޮޅު ޓީމަށް ނުރައްކާ ކުރަމުންނެވެ.

ނަމަވެސް މެޗު ނިމުނީ، 2 - 1 އިން އާޖެންޓީނާ މޮޅުވެގެނެވެ. މިއާއިއެކު އާޖެންޓީނާއަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވީއިރު، އޮސްޓްރޭލިއާއިން މިވަނީ މުބާރާތާއި ވަކިވާން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން