އިބްރާހިމް ފަހީމް   3 ޑިސެމްބަރު 2022 - 23:29
ހދ. މަކުނުދޫއަށް ނިސްބަތްވާ އަޙްމަދު ޝަވަން މުޙައްމަދަށް ރަނިންގ ބްލޭޑް ހަމަޖައްސައިދީފިއެވެ.

މިކަން ހާމަ ކުރައްވާ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފު މިރޭ ވިދާޅުވީ، ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު، މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަންއަށް ރަނިންގ ބްލޭޑް ހަމަޖައްސާދެވުންކަން ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ރަނިންގ ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން ކަމަށްވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

މަކުނުދޫ ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. ޝަވަން އާންމުންގެ މަގުބޫލުކަން ހޯދީ މިއަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ތެރޭން ފުޓްބޯޅަ މެޗެއްގައި އެއްފައިގައި ކުޅެ ދެއްކި ގަދަ ހިތްވަރުންނެވެ.



އެ ވީޑިއޯ އާންމުވުމާއިއެކު ގިނަ ބަޔަކު ދިޔައީ އެ ކުއްޖާއަށް މަސްނޫޢީ ފައެއް ހަމަޖައްސައިދޭން ސަރުކާރަށް ގޮވާލަމުންނެވެ. ޝަވަންއަށް އެހީވުމުގައި މިނިސްޓަރު މަޚްލޫފް ވަނީ ހާއްސަ އިސްނެންގެވުމެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވާފައެވެ. އެގޮތުން ޝަވަންއަށް އާޓީފިޝިއަލް ފައެއް ހޯދައިދޭން ކުރި މަސައްކަތުން މިހާރުވަނީ އިޖުތިމާއީ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އެކަން ހަމަޖެހިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު