ލަންކާގެ އެކި ސިނާއަތަކަށް ރާއްޖެއިން އިންވެސްޓްކުރުމުގެ ދައުވަތު އެ ގައުމުން ދީފިއެވެ.

ލަންކާގައި އިންވެސްޓްކުރުމަށް ރާއްޖެއަށް ދައުވަތު ދީފައި ވަނީ ނާއިބު ރައީސް ފައިސަލް ނަސީމް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި ރަނިލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަމަށްވުމުން ލަންކާގެ އެކި ސިނާއަތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތްކަމަށެވެ.

ރަނިލް ވިދާޅުވީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓްތައް ގެނައުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް އެބައޮތްކަމަށެވެ. މީގެކުރިން ލަންކާއާ ގުޅިގެން ކްލައިމެޓް ޗޭންޖް ޔުނިވަރސިޓީއެއް ގާއިމްކުރުމުގެ ދަޢުވަތުވެސް ލަންކާގެ ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ. އަދި ލަންކާގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި ގެއްލުންދިން ރަނިލްގެ ގެކޮޅު މަރާމާތުކުރުމުން ރައީސް ސާލިހު ލަންކާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާނެކަމަށްވެސް ރަނިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު