އަހުމަދު މަސްނޫމް   3 ޑިސެމްބަރު 2022 - 8:2
ގއ.ކޮލަމާފުށީގެ މަގުތައް ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮލަމާފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީންނެއެވެ.

މި މަސައްކަތުގެ ދަށުން އެރަށުގެ 408 ކިލޯ މީޓަރު މަގުގައި ތާރުއަޅާ މަގުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތި ޖެހުމާއި މަގުތަކުގެ ނިޝާންޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.



މަގު ހެދުމުގެ މަސައްކަތް ޢަމަލީގޮތުން ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަންތަކާއި ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށް އާރްޑީސީން ބުނެއެވެ. އަދި ބޭނުންވާ އިތުރު ކޭބަލް ޖަންކްޝަން ކާސްޓްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 85،329،687.67 (އައްޑިހަ ފަސް މިލިއަން ތިންލައްކަ ނަވާވީސް ހާސް ހަސަތޭކަ އައްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އާބާދީގައި 1،668 މީހުން ދިރިއުޅޭ ގއ. ކޮލަމާފުށްޓަކީ ނިސްބަތުން ބޮޑު ރަށެކެވެ. ކޮލަމާފުށީގައި ސަރުކާރުން މިހާރުވެސް ޖުމްލަ 10 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު