ގދ. ތިނަދޫގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޕްރައިމަރީގެ އެއްވެސް ވާހަކަފުޅެއް ނުދައްކަވައި ނިޒާމީ ވޯޓުގެ ވާހަކަތައް ދައްކަވާފައި ޖަލްސާ ނިންމަވާލައްވައިފިއެެވެ.

ރައީސް ނަޝީދު ގދ.ތިނަދޫއަށް ވަޑައިގަތީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ލޯންޗްކުރުމަށް ކަމަށް ވަނީ އަޑުފެތުރިފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާ އެކަން ރައީސް ނަޝީދު ވަަނީ މިހަފްތާގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ހާމަކުރަށްވާފައެވެ.

ތިނަދޫ އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވައުދުވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ރައްޔިތުންގެ ކައިރީގައި އެވާހަކަ ނާހައި ދެން އިތުރު ވާހަކަ އެއް އަހަން އުޅުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމަށް 18 މަސް ދުވަހުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމަށް މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށްވީ ވައުދަކީ މުހިންމު ވައުދެެއް ކަމަށާއި އެހެން ނަމަވެސް އެވައުދު ފުއްދިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު