ދެ ދުވަހު އެކައްޗެއް ނުކިޔާ މީހަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ދޭން "ހެއުނުވާނެ" ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ރަައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގދ. ތިނަދޫއަށް ވަޑައިގެންފައިވާތީ އެކަމަށް އިޝާރަތްކުރަށްވަމުންނެެވެ.



ޑރ. އިޔާޒް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ނޫނީ ޕްރައިމަރީއަށް ތަންނުދޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މިއަދު ހުންނެވީ ތަން ނުދޭ ޕްރައިމަރީއަށް ވޯޓް ހޯދަން ނިކުމެވަޑައިގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ދެ ދުވަހު އެކައްޗެއް ނުކިޔާ މީހަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ދޭން ހެއުނުވާނެ،" ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފަައިވާއިރު، މަޖިލީހުގެ "އާސްކު ސްޕީކާ"ގެ ހަ ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވައުދުވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުން ކަމަށާއި އެވައުދު ފުއްދިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރަށްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާނެ ތާރިޚެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެެވެ.



ކިޔުންތެރިންގެ ހިޔާލު