އައްޑޫބަހުން ހުތުބާ ކިޔުމާއި ގުޅިގެން ސަސްޕެންޑު ކުރި އައްޑޫ ސިޓީ މީދޫ މުދިމުގެ ސަސްޕެންޝަން އުވާލައިފިއެވެ.

އައްޑޫ ބަހުން ހުތުބާ ކިއުމާއި ގުޅިގެން ސަސްޕެންޑު ކޮށްފައި ވަނީ މީދޫ ހަތީބު މުހައްމަދު ރަޝީދެވެ.

އެ ރަށު ބައެއް މީހުން ބުނިގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހުކުރު ނަމާދުގައި އޭނާ ވަނީ ހުތުބާގެ މައިގަނޑަށް ބަދަލު ނުގެނެސް ހުތުބާ އައްޑޫ ބަހުން ކިޔާފައެވެ. އަދި އެގޮތަށް އަމަލުކުރީ އެރަށުގައި އުޅޭ ބިދޭސީންނަށްވެސް ހުތުބާގައި ކިޔާ ތަކެތި ސާފު ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ އާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރުމަށްފަހު ބުނެފައިވަނީ، އޭނާ ސަސްޕެންޑް ކުރަންޖެހުނީ މިނިސްޓްރީން ދީފައި އޮތް ހުތުބާއަށް ބަދަލު ގެނެސްގެން ކިޔުމުން ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު އޭނާގެ ސަސްޕެންޝަން މިހާރު އުވާލާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިއަދު އޭނާ ވަނީ މިސްކިތުގައި އިމާމުވެ ނަމާދުވެސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކަށްވެސް ހާއްސަ ހުތުބާއެއް ނެރެއެވެ. އަދި ރަށްރަށުގައިވެސް ކިޔަން އަންގާފައި އޮންނަނީ އެ ހުތުބާއެވެ. އެ ހުތުބާއަށް ބަދަލު ގެނެސްގެން ކިޔުމަކީ އެ މިނިސްޓްރީން މަނާކޮށްފައި އޮންނަ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު