ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީއަށް 17 އަހަރު ވީއިރުވެސް ވެރިކަން ފިޔަވާ އެހެން އަމާޒެއް ނެތިގެން އުޅޭ މީހަކަށް އެމްޑީޕީއެއް ނޭނގޭނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒު ކުރައްވައެވެ.

މޫސަ މިއަދު ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް އުފުލި ބުރައާއި ކުރިމަތިލާން ޖެހުނު އުނދަގޫ އިހުސާސް ކުރަން އެނގޭނީ ޕާޓީ އުފެއްދުމުގައި މަގުމަތީގައާއި މަޖިލީހުގައި މަސައްކަތް ކުރި މީހުންނަށް ކަމަށެވެ.



އަދި އޭރުވެސް ޕާޓީއަށްޓަކައި ތިބިމީހުން އަދިވެސް ޖޯޝުގައި އެބަތިބި ކަމަށާއި، ޕާޓީއަށް 17 އަހަރު ވީއިރު ވެރިކަން ފިޔަވާ އެހެން އަމާޒެއް ނެތް މީހަކަށް އެމްޑީޕީއެއް ނޭނގޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.



އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރަށްވާފައިވާ މޫސަ ވިދާޅުވީ އެންމެފަހުން ބޭއްވި ކޮންގްރެސްއިން ދައްކައިދިނީ، ޕާޓީއަކީ ވަކި މީހަކު ވަށައިގެން އެނބުރޭ އެއްޗެއް ނޫންކަން ކަމަށެވެ. އަދި 17 އަހަރަށްފަހު ޕާޓީ އަމިއްލަ ފައިމައްޗަށް ނަގައިދިނީ ޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުނު އާންމު މެންބަރުން ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނަށް އަމާޒު ކުރައްވާ މޫސަ ވިދާޅުވީ، ޕާޓީ އުފައްދަން މަސައްކަތް ކުރި އާންމު މެންބަރުންނަށް ގޮންޖަހާފައި ޕާޓީ ބައިބައި ކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ މިހާރު ވަނީ ދެ ފެކްޝަނަށް ބެހިފައެވެ. އެ ދެބޭފުޅުން ވެސް މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު