އަންނަ ފަސްއަހަރު ވެސް ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން ގެނެސްދެވޭނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން ގެނެސް އަމާން އޮމާން ފަސްއަހަރެއް ބޭނުންވާ ކަމަށާއި އެކަން ކުރެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ސާލިޙު ކަމަށެވެ. އަދި އަންނަ ފަސްއަހަރު ރާއްޖެ އަމާންކަމާއެކު ކުރިއަށް ގެންގޮސް ސަރުކާރުން ފަށާފައިވާ ރަނގަޅު މަސައްކަތްތައްކޮށް ނިންމައި ގައުމުގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ރައީސް ސާލިޙަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ފުލުހުންނާއި ސިފައިންގެ އިތުބާރު ހޯދައިދެވުނު ވެރިއަކީ ރައީސް ސާލިޙު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތައް ވުޖޫދަށް އައިސް އުފެދިގެން މިދިޔަ ހަމަނުޖެހުންގަނޑުގެ ތެރޭގައި ހަމަޖެހުމަަކަށް ގެންނަން މިގޮތަށް މަސައްކަތްކުރާނެ ވެރިއަކު އެބަ ބޭނުންވޭ ފަސްއަހަރު ހުންނަން، އަޅުގަނޑުމެންނަަކަށް ނޭގޭ ދެން އަންނާނެ ވެރިއަކު ކަންތައް ކުރާނެ ގޮތެއް ހަމަގައިމު ވެސް ޔާމިން ވަޑައިގެންފިއްޔާ ކަންތައް ކުރާނެ ގޮތް ފެނިފައި އޮތީ. އެންމެން ތިބެންޖެހޭނީ ޖަލުގައި ވައްކަން ކުރާނީ ހަބޭހަށް. ރައީސް ނަޝީދުގެ ވެރިކަން ވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި، އެމްޑީޕީގެ މީހުން މަގުމަތީގައި އޭރު ތިބެންޖެހުނީ އެމްޑީޕީގެ މީހުން މުޒާހަރާ ކުރަން ނިކުންނަންޖެހުނު އަމިއްލަ ވެރިކަމެއްގެ ތެެރެއިން އެކަހަލަ ކަމެއް މި ވެރިކަމުގައި ފެނިގެނެއް ނުދޭ،" އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެއްޕާޓީއަކުން ދެބޭފުޅަކު ވާދަކުރާއިރު އެކަހަލަ ހަމަނުޖެހުންތައް ފެންނާނެ ކަމަށާއި މީގެ ކުރިން ވެސް އެހެން ޕާޓީތަކުން އެފަދަ މަންޒަރުތައް ފެންނާނެ ކަމަށެވެ.

އެހެން ނަމަވެސް ވާދަވެރިކަމަށްފަހު އެމްޑީޕީ އެކަތިކަނޑެއްގެ ގޮތުގައި ފެނިގެންގޮސްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރަށްވާ ބޭފުޅެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އުއްމީދުކުރަނީ ޑިމްކޮރަސީގެ ރީތި އުސޫލުން އަޅުގަނޑުމެންގެ ޕްރައިމަރީ ނިމުނީމަ މެޖޯރިޓީ ދެއްކި މަގުގައި މުޅި ޕާޓީ އެކީ އެކައްޗަކަށް ދަތުރުކުރަމުންދާނެ ކަމަށް،" ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު