ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ޢަބްދުﷲ ޔާމީނާއިއެކު އެކުގައި ސިޔާސީ މަސައްކަތް ކުރައްވާފާނެކަމުގެ އިޝާރާތެއް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ އިޝާރާތެއް ކުރެއްވީ މަޖިލީހުގެ އިދާރާއިން މިއަދު ކުރިއަށް ގެންދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި އާންމުންގެ މީހަކުވަނީ، ރައީސް ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަފާނެތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ރައީސް ނަޝީދު ސީދާ ސާފު ޖަވާބެއް ނުދެއްވައެވެ. ނަމަވެސް، ރައީސް ޔާމީނާއިއެކު މަސައްކަތް ކުރައްވަފާނެފަދަ މޭރުމަކުން ވަނީ ޖަވާބެއް ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ، 2018 ގައި ރައީސް މައުމޫނާއިއެކު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ކަންބޮޑުވެވަޑައިގަންނަވާ އެއް ސިޔާސަތަކީ އިންޑިއާއާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"ރައީސް މައުމޫނާއެކުގައި އަޅުގަނޑުމެން މަސައްކަތް ކުރީ 2018 ވަނަ އަހަރު. ރައީސް ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަންބޮޑުވާ ސިޔާސަތެއް އެބައޮތް. އެއީ އިންޑިއާއާ އިދިކޮޅަށް ކުރައްވާ މަސައްކަތް. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ މަސައްކަތް ހުއްޓަވާލައްވާފައި އަވައްޓެރި ހުރިހާ ގައުމުތަކަކާ ދިވެހިރާއްޖެއާ ގުޅި، އެކުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޖަވާބުގައި، 2018 ގައި ރައީސް މައުމޫނާއިއެކު މަސައްކަތް ކުރެއްވިކަން ފާހަގަ ކުރެއްވީ، އޭގެ ކުރިން އެއީ ނުހަނު ދެކޮޅު ދެ ބޭފުޅުންނަމަވެސް، ފަހުން އެކުގައި މަސައްކަތް ކުރެއްވިކަން ދޭހަކޮށްދިނުމަށެވެ. މިއީ ރައީސް ޔާމިނާއެކު މިފަހަރު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފާނެކަމުގެ ވާހަކަކަން ބައެއް ފަރާތްތަކުން ބުނަމުންނެވެ.

އެކުގައި މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން ނުސީދާ ޖަވާބެއް ދެއްވިއިރު، ރައީސް ނަޝީދު މިހާރުވެސް އުޅުއްވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނާއިއެކު ރައީސް ޔާމީނާއި "ނުރަސްމީ ކޯލިޝަނެއް" ހައްދަވައިގެން ކަމަށް ރައީސް ޞާލިޙަށް ތާއީދު ކުރާ އެމްޑީޕީ މެންބަރުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު