ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުފާނުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އިސް ފަނޑިޔާރުގެ ގޮތުގައި މަސައްކަތް ކުރެއްވި މަހާޒް ޢަލީ، ހުކުމް އިއްވި ދުވަހު ފަރީއްކުޅުއްވި ކާއެއްޗެހީގެ ވާހަކަ މީގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކިޔައިދެއްވަން ދެކޮޅު ހެއްދެވިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން މިހެން ބުނެފައި މިވަނީ، އެދުވަހު އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ހަވާލުވެވަޑައިގެންފައިވާތީ އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމުމާއި ގުޅިގެން، އެކަން ހިނގިގޮތް ބަޔާން ކޮށްދެއްވާ ޓްވިޓާގައި މަހާޒް ޕޯސްޓެއް ކުރެއްވުމާއި ގުޅިގެންނެވެ.

މަހާޒްގެ ޕޯސްޓްގައި ބުނެފައިވަނީ، ޔާމިންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު ފަރީއްކުޅުވުމަށް އަމިއްލަ ހަރަދުގައި އެއްޗެއް ގެންނަ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.

އެގޮތަށް ދައުރުވަމުން އައިސް ހުކުމް ކުރި ދުވަހު ތަނަކަށް އޯޑަރު ކޮށްގެން އެއްޗެއް ގެނައީ މަހާޒު ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ފަނޑިޔާރުންނަށް އެއްޗެއް ދެވޭނެ ފަހު ދުވަސްކަމަށްވާތީ މެންދުރު ކެއުމެއް ދެއްވީ ކަމަށް މަހާޒް ވިދާޅުވެފައި ވެއެވެ.

މަހާޒް މިހެން ވިދާޅުވުމުން، ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒު ކުރައްވާފައިވާ ކަމަށެވެ.

އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި މަހާޒް އިޖާބަދެއްވާފައި ނުވާކަމަށެލް ޖޭއެސްސީން ބުނެއެވެ. އަދި އެއިރު އެމައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަން ޖޭއެސްސީން ފާހަގަކޮށްފައި ވެއެވެ.

މިމައްސަކައިގައި ފަނޑިޔާރު މަހާޒް މަސައްކަތް ކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނު ކަމަށާއި މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީއާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން ކޮމިޝަނުން ނިންމީކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

"ކުރިން ދެންނެވުނު މައުލޫމާތު ސާފުކުރި މަރުހަލާގައި ތުހުމަތު ރައްދުވާ ފަނޑިޔާރަށް މިޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަ ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށާއި ނަމަވެސް އެ މައުލޫމާތު މިކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަކޮށްފައިނުވާކަމަށާއި، އެޝަކުވާއާ ގުޅިގެން ފަނޑިޔާރުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށްކަން މިކޮމިޝަނުން ފާހަގަކުރަމެވެ. އަދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭބައެކެވެ. މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމުގައި ވެސް ދަންނަވަމެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު