ވެރިކަންކުރާ މައި ޕާޓީ, އެމްޑީޕީން ރައްޔިތުންނަށް ވީ އެންމެ މުހިންމު ވައުދު އަދި ނުދެއްދޭކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެންމެ ބޮޑު ވައުދު އަދި ނުފުއްދޭ ކަމަށާއި އެ ވައުދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށެވެ.

އެގޮތުން، 2018 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގައި ހިމަނާފައި ކަމަށާއި، ނަމަވެސް، ފަހުން ކޯލިޝަން ހެދުމަށްފަހު ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި ގޮތަށް އެކަންކުރަން އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.

އެގޮތުން، އަދާލަތު ޕާޓީއިން ހުށަހަޅާފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ ވޯޓަކަށް ދާން ކަމަށާއި އެ ވޯޓު ވެރިކަމުގެ ދައުރުގެ ފަހު އަހަރު ނެގުމަށްފަހު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްއާރްއެމާއި ޖުމްހޫރީ ޕާޓީންވެސް އެކަމުގައި އެއްބަސްވެވިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަކި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރަށްރަށުގައި ކަންތައްތައް ކުރެވިދާނެ ކަމަށާއި ނަމަވެސް، އެމްޑީޕީން ވީ މުހިންމު ވައުދުތައް ނުފުއްދޭ ކަމަށެވެ.

ނަޝީދު މިހާރު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމަނިކުފާނުގެ ކެމްޕޭން މާދަމާ ފެށުމަށް ނިންމާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ނުކުމެވަޑައިގަންނަވާނީ ރައީސް ޞާލިހާއި ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު