ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 19 ގައުމާއި އީޔޫގައި ހިމެނޭ ޖީ20ގެ ރިޔާސަތަށް އިންޑިޔާ އައްޔަންކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޖީ20ގެ ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ރިޔާސަތަށް އިންޑިޔާ އައްޔަންކުރީ އިންޑޮނޭޝިޔާގެ ބާލީގައި ނިމިގެންދިޔަ ޖީ20ގެ ސަމިޓުގެ ތެރެއިންނެވެ.

ޖީ20ގެ ރިޔާސަތާއި މިއަދުން ފެށިގެން އިންޑިޔާއިން ހަވާލުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.



ރައީސް ސާލިހު ވިދާޅުވީ އިންޑިއާގެ ލީޑަރޝިޕްގެ ދަށުން ޑިމޮކްރަސީ ކުރިއަރުވައި، ބޮޑެތި މައްސަލަތަކަށް މަޝްވަރާގެ ތެރެއިން ހައްލު އަންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ޖީ20ގެ ރިޔާސަތާއި އިންޑިއާއިން ހަވާލުވުމާއެކު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ބައްދަލުވުން އެ ގައުމުން ބާއްވާނެއެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ޖީ20 ސަމިޓް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮންނާނެއެވެ.

ޖީ20ގައި ހިމެނެނީ އާރޖެންޓީނާ، އޮސްޓްރޭލިޔާ، ބްރެޒިލް، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރުމަންވިލާތް، އިންޑިއާ، އިންޑޮނޭޝިޔާ، އިޓަލީ، ޖަޕާން، ކޮރެޔާ، މެކްސިކޯ، ރަޝިޔާ، ސައުދީ އަރަބިއްޔާ، ސައުތު އެފްރިކާ، ތުރުކީ، އިނގިރޭސިވިލާތް، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންއެވެ.



ކިޔުންތެރިންގެ ހިޔާލު