ރައީސް ޔާމީންގެ މައްސަލާގައި ސްޕްރީމް ކޯޓުން ހުކުމްކުރި ދުވަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗްގައި ދެން ތިއްބެވި ފަނޑިޔާރުން ކޭންބެއްލެވި ފަރިއްކޮޅެއްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދެންމެ ޖޭއެސްސީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނީ، ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް ޖޭއެސްސީން އިއްޔެ ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފި ކަމަށެވެ.

ޖޭއެސްސީން އެ މައްސަލަ ބަލަން ފެށުމުން، މަހާޒް މިއަދު ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން އިންސާފުން ކުރިއަށް ގެންގޮސްދިނުން އެދޭ ކަމަށެވެ. 

ފަނޑިޔާރު މަހާޒް ވިދާޅުވީ، ޔާމިންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެންދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު ފަރީއްކުޅުވުމަށް އަމިއްލަ ހަރަދުގައި އެއްޗެއް ގެންނަ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ.

އެގޮތަށް ދައުރުވަމުން އައިސް ހުކުމް ކުރި ދުވަހު ތަނަކަށް އޯޑަރު ކޮށްގެން އެއްޗެއް ގެނައީ މަހާޒު ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ފަނޑިޔާރުންނަށް އެއްޗެއް ދެވޭނެ ފަހު ދުވަސްކަމަށްވާތީ މެންދުރު ކެއުމެއް ދެއްވީ ކަމަށެމް މަހާޒް ވިދާޅުވެފައި ވެއެވެ.

އަދި އެ ތަކެތި ގެނައީ ކޮން ތަނަކުންކަން ހުރިހާ ފަނޑިޔާރުންނަށްވެސް އެނގިވަޑައިގަންނަވާނޭ ކަމަށްވެސް މަހާޒް ވިދާޅުވިއެވެ. އަދި އެއީ ވަކި ޚާއްސަ ކެއުމެއް ވެސް ނޫންކަމަށް މަހާޒް ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު