އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2022 - 14:24
މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ބައްލާވަލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ޤަތަރުގެ އަމީރުގެ ދައުވަތެއް ރައީސް ސާލިހަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ސެމީ ފައިނަލް ނޫނީ ފައިނަލް މެޗު ބައްލަވާލައްވަން ރައީސް ސާލިހު ވަޑައިގެންފާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިއަހަރު ޤަޠަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައްވެސް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފައެވެ. އަދި، ޤަޠަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު