ރާއްޖޭގެ ޖައްވު ނުސާފުވުމުގެ މައްސަލައަކީ އެހެން ޤައުމުތަކުގެ މޫސުމީ ބަދަލުތަކާއި ގުޅިފައިވާ ކަމެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ބައެއް ހިސާބުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދަށްވެސް އެކަމުގެ އަސަރުކުރާކަމަށެވެ. އެގޮތުން ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ މާ ދުރު ޤައުމުތަކުގެ މުސުމީ ބަދަލަކާ ގުޅިފައިވާ ކަމެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.



މެޓުން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ ދުވަސްވަރު، ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާކަމަށެވެ. އަދި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ބޮޑަށް ދައްވާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މީގެއިތުރުން މިކަން މިމަހުން ފެށިގެން އަންނަ މާޗުމަހާއި ހަމައަށް ރާއްޖެ ސަރަޙައްދުން ފެންނާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލަ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއަށް ވަނީ ދިމާވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ޖައްވު ފުސްވުމުގެ މައްސަލަތައް ކުރިމަތިވިއެވެ. އެފަހަރުވެސް މިކަން ދިމާވި އުތުރާ މެދުތެރޭގެ އަތޮޅުތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު