މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، މަސްވެރިކަމުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރަން ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އުޅަނދެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށް ޓަކައެވެ. އަދި އެގޮތުން އުޅަނދެއްގައި ގެންގުޅެވޭނީ ގިނަވެގެން 2 ބިދޭސީންކަމަށްވެސް އެ ޤަވާއިދުގައިވެއެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު މަސްވެރި އުޅަނދުތަކުގައި ބިދޭސީންނަށް ސީދާ މަސްވެރިމުގައި ނުވަތަ އެހެން މަސައްކަތެއްގައި ހަރަކާތްތެރިވެވޭ އަދަދު ކަނޑައަޅާފައިވަނީ އުޅަނދުގެ ސައިޒުންނެވެ.

އެގޮތުން 15 ފޫޓަށްވުރެ ކުދި އުޅަނދުގައި ގިނަވެގެން ހަތަރު ބިދޭސީން، 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން، އަދި 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކުގައި ގިނަވެގެން އަށް ބިދޭސީންނަށް ހަރަކާތްތެރިވެވޭނެކަމަށް އިސްލާހުކުރި ގަވާއިދުގައިވެއެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި ބިދޭސީންނަށް މުސާރައާއި އިނާޔަތް ދިނުމުގައި އޮޑިވެރިން ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު