ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް މާދާމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ މިފެއަރ އޮންނާނީ 02 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށެވެ. މި ފެއާގައި ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މަޢުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ. މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗު، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބަރ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރތައް ހިމެނެއެވެ.

އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ފަރާތުން ބާއްވާ ސްމާޓްކޮމް ފެއާ 2022 ގައި ރާއްޖޭގެ ގިނަ ބްރޭންޑްތަކެއް ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރު.އޯ.އެލް، ފަދަ ފަރާތްތައް ހިމެނެއެވެ.

އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާރޖް، އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ވެސް މި ފެއާރ ގައި ބައިވެރިވެއެވެ. މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީ.އޯ.އެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިންގ، ލިންކް ސާވް ފަދަ ކުންފުނިތަކުންވެސް މިފެއަރގައި ބައިވެރިވެއެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ. ހަމަ މިއާއެކު، ރައްޔިތުން ތަފާތު ޑިޖިޓަލް ޕްލެޓްފޯތައް ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމަށް އަހުލުވެރި ކުރުވުމަކީވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް ކުރެވޭ މުހިއްމު ކަމެކެވެ. ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށެވެ.  



ކިޔުންތެރިންގެ ހިޔާލު