އިބްރާހިމް ފަހީމް   1 ޑިސެމްބަރު 2022 - 3:54
ފީފާ ވޯލްޑްކަޕްގައި މިރޭ ކުޅުން މެޗުތަކުން ނުކުތް ނަތީޖާއިން ޑެންމާކާއި ޓިއުނީޝިއާ މުބާރާތާއި ވަކިވާން ޖެހިއްޖެއެވެ.

މުބާރާތުން ވަކިވާންޖެހުނު ޑެންމާކަކީ ކުރިން ފާހަގަ ކޮށްލެވޭ މޮޅު ޓީމެކެވެ. އެއީ، މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވެސް ވާދަކުރި ޓީމެކެވެ. ނަމަވެސް، ތިން މެޗުގެ ތެރެއިން ފްރާންސާއި އޮސްޓްރޭލިއާ އަތުން ބަލިވިއިރު އެއްވަރުކުރެވުނީ ޓިއުނީޝިއާއާއެވެ.

މިރޭގެ މެޗުގައި އޮސްޓްރޭލިއާ އަތުން އެ ޓީމް ބަލިވީ 1 – 0 އިންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެތިއު ލެކީއެވެ.

މިރޭގެ ދެވަނަ މެޗުން ޓިއުނީޝިއާވަނީ ދުނިޔޭގެ އެއްވަނަ ކަމަށްވާ ފްރާންސް ބަލިކޮށްފައެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކަޒްރީއެވެ. ފްރާންސް ބަލިކޮށްލެވުނު ނަމަވެސް، ޓިއުނީޝިއާއަށް ބޭނުންވާ ވަރަށް ޕޮއިންޓް ނުލިބި ޖެހުނީ މުބާރާތުން ވަކިވާށެވެ. ނަމަވެސް، ދުނިޔޭގެ ޗެމްޕިއަން ބަލިކޮށްލެވުނުކަމުގެ އުފަލާވެސް އެކުއެވެ.

މިރޭގެ ނަތީޖާތަކަށްފަހު މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ ފްރާންސާއި އޮސްޓްރޭލިއާއެވެ.

މިރޭ ދެން ކުޅޭނީ ގްރޫޕް ސީގެ ފަހު ދެ މެޗުގައި އާޖެންޓީނާ އާއި ޕޮލެންޑެވެ. އަދި މެކްސިކޯ އާއި ސައުދީ އަރަބިއާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން