ޕާޓީން ވަކިކުރިތާ އެތައް ދުވަހެއްފަހުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، މުޙައްމަދު ވަޙީދާއި ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

މި ޒުވާބު ފެށުނީ، ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފާސްކުރަން އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންގެ މެންބަރުން ވޯޓު ނުދިން މައްސަލާގައި އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ރޯކޯ މޫސަ ގޮވާލެއްވި ހިސާބުންނެވެ.

މޫސަ އެފަދައިން ގޮވާލެއްވުމުން ޓްވިޓާގައި ވައްޑޭ ވަނީ މޫސައަށް ރައްދު ދެއްވާފައެވެ. އެގޮތުން، ޕާޓީގެ ވިޕްލައިނަކީ ކިހިނެއް، ކީއްކުރަން ގެންގުޅޭ އެއްޗެއްތޯ ވައްޑޭ ވަނީ ސުވާލު ކުރައްވާފައެވެ.

"(ޕީޖީ ލީޑަރުކަމުގައި ހުރިއިރު) ރާއްޖޭގެ ބިން ބޭރުމީހުންނަށް ވިއްކަންވީމަ "ފްރީ ވިޕް" (ވެރިކަމުގައި ހުރެގެން) ގާނޫނާ ހިލާފަށްކުރި ހަރަދު ތަފްސީލް ހޯދަންވީމަ "ތްރީ ލައިން ރެޑް" މިއީ ހަމަ މިހެން އޮންނަ ކަމެއްބާ؟" ވައްޑޭ ވިދާޅުވިއެވެ.

ނަޝީދު ފެކްޝަންގައި އެންމެ އިސްކޮށް ނަގައިކިއުއްވާ ވައްޑެއަށް ރައްދުދެއްވަމުން މޫސަ ވަނީ ރާއްޖޭގެ ބިން ވިއްކޭގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރަން އޭރު އެމްޑީޕީން ފްރީލައިން ވިޕެއް ނެރެން މަޖުބޫރުކުރީ ކާކު ޖަލުގައި އިންދާ ގެއަށް ގެންނަން މަޖުބޫރުވެގެން ޕީޖީ ގުރޫޕަށް އަންގައިގެންތޯ ޕާޓީގެ ރައީސް އަރިހުން ވައްޑެ އެއްސެވުމަށް އެދިވަޑައިގެންފައެވެ. އަދި އެ މައްސަލާގައި ވޯޓަށް އެހިވަގުތު މެންބަރުން މަޖިލީހުގައި ނުބައިތިއްބާ ގެއަށް ގެންދިޔަތޯވެސް ޕާޓީގެ ރައީސް އަރިހުގައި އެއްސެވުމަށް މޫސަ ވަނީ ވައްޑޭއަށް ގޮވާލައްވާފައެވެ.

މޫސަ އެވިދާޅުވާ ގޮތުންނަމަ ރައީސް ޔާމިންގެ ސަރުކާރުގައި ރާއްޖޭގެ ބިން ދިގުމުއްދަތަކަށް ވިއްކުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދިނީ ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރަންވެގެން މަޖުބޫރު ވެގެންނެވެ. އެފަދަ ވާހަކަތަކެއް މީގެ ކުރިންވެސް ރީކޯ މޫސައާއި އެމްޑީޕީގެ ބައެއް މެންބަރުން ދައްކާފައި އެބަހުއްޓެވެ.

"ހާދަ ބަސް އަހައޭ ދެއްތޯ ޕާޓީ ރައީސްގެ؟ ޕާޓީ ރައީސް ކަމަކު ބުނެފިއްޔާ ހަމަ ކުފުރުވި ހަނދޭގިރިންގެ ދަރަޖައިގާ ކިޔަމަންކަން އަދާކުރޭ ވިއްޔާ ދެއްތޯ؟" ރީކޯގެ ވާހަކައަށް ރައްދުދެއްވަމުން މޫސަ ވިދާޅުވިއެވެ.

އޭގެ ރައްދުގައި މޫސަ ވިދާޅުވީ، އެމްޑީޕީގައި މޫސަ އުޅުއްވީ ވެރިން އެއީ ވެރިންކަމަށް ބަލައިގެން ކަމަށެވެ. އަދި އެމްޑީޕީ މި ހިސާބަށް އައީ ވެރިންގެ ބަސް ގަބޫލުކުރެއްވުމުން ކަމަށް ވެސް ރީކޯ ވިދާޅުވިއެވެ. އަދި ވައްޑޭމެން އުޅޭހެން ވެރިމީހާއާއި ސަރުކާރަށް ބަވާ ފިތުނަކުރަން ނޫޅުއްވާ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ، އަލުން ޕާޓީއާއި ގުޅިވަޑައިގެންނެވީ ވެސް "ތިކަމުން" ޕާޓީ މިންޖުކުރަން ކަމަށެވެ.



މޫސަގެ އެ ވާހަކަތަކާއި ގުޅިގެން ވައްޑޭ ވަނީ މޫސައަށް އިތުރު ތުހުމަތެއް ކޮށްފައެވެ. އެއީ ރީކޯ ދައުލަތަށް ދައްކަވަންޖެހޭ ފައިސާތަކެއް ނުދައްކަވާ ކަމުގެ ތުހުމަތެވެ.

"ތިޔަ ކުއްޔާ ޖޫރިމަނާގެ ވާހަކައަކީ ޕާޓީއަށް ވަދެދާނެތީ މޭކަރާވަރުން ދައްކާ ވާހަކައެއްނު؟ މިހާރު ތިހައްދަވާހެން އަތުންފައިން މަސައްކަތެއްނުކޮށް، މަޖިލީހުންދޭ މުސާރައިގެ އިތުރުން ކޮންމެވޯޓަކަށް ދޭންތިބުނާ އަދަދުން ރިޝްވަތު ނުދޭތީ ފެންކައްކާ ނަރުގަނޑެއްހެން ތި ދޮންވަނީ." ރައްދުގައި ރީކޯ ވިދާޅުވިއެވެ.

މި ނޫނަސް މިފަދަ ބަހުގެ ހަމަލާތަކާއި ޒުވާބުތައް މި ދުވަސްވަރު އެމްޑީޕީގެ ދެފެކްޝަންގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު