ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 09:30 އަށެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވާ އެފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގައެވެ.

އެމައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް ވަނީ އިންކާރު ކުރަށްވާފައެވެ.

މައްސަލައިގައި ހުލާސާ ބަޔާން އިއްވަން ތާވަލް ކޮށްފައިވާއިރު އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނާނީ އެމައްސަލައިގައި ހުކުމް އިއްވުމެެވެ.

ރައީސް ޔާމީނާއި ޔޫސުފް ނައީމް ވެސް ކޯޓުގައި ވިދާޅުވެފައިވަނީ އެ ދެބޭފުޅުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެކަން ސާބިތު ކުރުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ގިނަ ހެކިތަކެއް ހުށަަައަޅާފައެވެ. ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުންވެސް ގިނަ ހެކިތަކެއް ވަނީ ހުށައަޅާފައެެވެެެ.

ރައީސް ޔާމިނަށް ދައުވާ އުފުލާފައިވާ މައްސަލައިގައި މިއަހަރުގެ ފަހުކޮޅު ހުކުމް އިއްވާނެ ކަމަށް އެމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވަނީ އިއުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު