އިބްރާހިމް ފަހީމް   29 ނޮވެމްބަރު 2022 - 20:25
އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާއެއްގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ 100 މިލިއަން ޑޮލަރުގެ މާލީ އެހީ މިއަދު ދިވެހި ސަރުކާރާ ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެހީގެ ރަމްޒީ ޗެކާއި ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހިޒް އެކްޒަލަންސީ ޑރ. އެސް. ޖައިޝަންކަރް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ މި ފައިސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ، އިގްތިސާދު ހަލުވިކަމާއެކު ކުރިއެރުވުމުގެ މަސައްކަތް ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިންޑިއާއިން ގެންގުޅޭ "އަވަށްޓެރިން ފުރަތަމަ" ސިޔާސަތާއި ރާއްޖެ އިން ގެންގުޅޭ "އިންޑިއާ ފުރަތަމަ" ސިޔާސަތުގެ ސަބަބުން މި ހާއްސަ ގުޅުން ވަރުގަދަވެފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެ އަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އެންމެ އަވަހަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށާއި މިއަދު ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ ނަމުގައި އޭނާ ޝުކުރު އަދާކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރިން ބުނެފައިވާ ގޮތުގައި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.



ކިޔުންތެރިންގެ ހިޔާލު