ކޯވިޑް މެނޭޖްކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ސޫ ކޮކް ލެންގް ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގެ މަސައްކަތްތަކަށް ސިންގަޕޫރު ސަފީރު ތައުރީފް ކުރެއްވީ އެމަނިކުފާނު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މި ރަސްމިއްޔާތަށްފަހު ސިންގަޕޫރު ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވެ ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެޤައުމުން ޤާބޫލުކުރާ އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސިންގަޕޫރުގެ ސަފީރު ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެބޭފުޅުން ވަނީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތަޢުރީފްކުރައްވައި ރައީސުލްޖުމްހުރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 20 ފެބްރުއަރީ 1975 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު