އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ، ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ ހައި ކޯޓުން ނުބަލަން އެދި ދައުލަތުން އިއްޔެ ކޯޓުގައި ދެއްކި ވާހަކަތަކާއި މެދު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެއްވެ އުޅުމުގެ ގާނޫނުގައި މާލޭގައި ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަނިކަމަށް ބުނާ ބައި ބާތިލްކުރަން ހައިކޯޓަށް ނޫސްވެރިންތަކެއް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވާފައެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެއްވެ އުޅުން ހަނިކުރި އިސްލާހު އުވާލުމުގެ ބިލް މަޖިލީހުން ބަލައިގަނެ، މިހާރު ދިރާސާ ކުރަމުންދާތީ ގާނޫނުގެ އެ ބައި ބާތިލްކުރުމުގެ މައްސަލަ މިވަގުތު ކޯޓުން ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ދައުލަތުގެ މި ވާހަކަތަކާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުތަށްވާފައެވެ.

އުޝާމް ވިދާޅުވީ ‏މިއީ ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ދައްކަން ލަދުވެތި ވާހަކައެއްކަމަށެވެ. އަދި އެއްވެ އުޅުމުގެ ހައްގު ހަނިކުރުން އުވާލުމަށް ހުށަހަޅާފައި އޮތް ބިލް މަޖިލީހުގެ ކޮމިޓީގައި އޮންނަތާ 3 އަހަރު ވެގެން ގޮސްފިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެބިލްގެ މަސައްކަތް ހުއްޓުވާފައިވަނީ މިސަރުކާރުގެ ނުފޫޒުން ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

"މިއީ ދައުލަތުން ޝަރީއަތުގެ މަޖިލީހުގަ ދައްކަން ލަދުވެތި ވާހަކައެއް. އެއްވެ އުޅުމުގެ ހައްގު ހަނިކުރުން އުވާލުމަށް ހުށަހަޅާފައޮތް ބިލް މަޖިލީހުގެ ކޮމިޓީގައި އޮންނަތާ 3 އަހަރު ވެގެން ގޮސްފި. އެބިލްގެ މަސައްކަތް ހުއްޓުވާފައިވަނީ މިސަރުކާރުގެ ނުފޫޒުން ކަމާމެދު އެއްވެސް ޝައްކެއް ނެތް." އުޝާމް ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ގާނޫނުގައި މާލޭގައި ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަނިކަމަށް ބުނާ ބައި ބާތިލްކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން އިއްޔެ ކޯޓުގައި ބުނެފައި ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮތުމުން ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް ބަލާނަމަ، އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މަޖިލީހަށް ބިލެއް ހުށަހެޅުމަށްފަހު ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެކަން އިއުލާން ކުރުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު